ނޮވެމްބަރ 27, 2024

ޒަކާތް ފަންޑުން ބޭސްފަރުވާ އަށް 8 ލައްކަ ރުފިޔާ ދީފި، އެންމެ ގިނަ އެހީ ކެންސަރު ފަރުވާއަށް

މިދިޔަ މާޗު މަހު ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފި އެވެ.

ޖެނުއަރީ ދެވަނަ ދުވަހު ރަސްމީކޮށް އިފުތިތާހު ކުރި ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން މާޗު މަހު އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމުލަ އަދަދަކީ 685،026.19 ރުފިޔާ އެވެ.

ނަމަވެސް ފެބްރުއަރީ މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައްވެސް ހިމަނައިގެން މާޗު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 59 މީހަކަށް ޖުމުލަ 878،682 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެހީ ދީފައިވާ މައިގަނޑު ކަންކަން:

  • ކެންސަރު ފަރުވާއަށް: 190،822.50ރ
  • ސިކުނޑީގެ އޮޕަރޭޝަންތަކަށް: 180،407.19ރ.
  • ޓްރާންސްޕްލާންޓް ހެދުމަށް: 25،443ރ.
  • ހިތުގެ އޮޕަރޭޝަންތަކަށް: 8،481ރ.

 

ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުން ވަނީ 190،822.50 ރުފިޔާ ދޫކޮށްފައެވެ. އަދި ވަނީ ސިކުޑީގެ އޮޕަރޭޝަންތައް ކުރުމަށް އެކި މީހުންނަށް އެހީގެ ގޮތުގައި 180،407.19 ރުފިޔާ ދޫކޮށްފައެވެ. ޓްރާންސްޕްލާންޓު ސަޖާރީ ކުރުމަށް އެހީ އެދުނު ފަރާތްތަކަށް ވަނީ 25،443 ރުފިޔާ ދޫކޮށްފައެވެ. ހިތުގެ އޮޕަރޭޝަން ކުރުމަށް 8،481 ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

އެހެނިހެން އެހީގެ ގޮތުގައި 279،872.50 ރުފިޔާ ޒަކާތު ފަންޑުން ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން ސްކޮލާޝިޕްތަކަށް ވަނީ 44،563.80 ރުފިޔާ ދޫކޮށްފައެވެ. އަދި ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހުނު އެކި ފަރާތްތަކަށް ވަނީ 17،207.65 ރުފިޔާ ދޫކޮށްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު އެކި ފަރާތްތަކަށް ވަނީ 248،604 ރުފިޔާ ދޫކޮށްފައެވެ.

ޒަކާތު ހައުސްއިން ބުނީ އެކިއެކި ޒަކާތު ފަންޑުން އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 685،026.19 ރުފިޔާ ކަމަށެވެ. އެހީގެ ގޮތުގައި ހަރަދު ކޮށްފައިވަނީ 878،682.88 ރުފިޔާ ކަމަށެވެ.

މާޗު މަހު ކުރި ހަރަދުތަކުގެ ތެރޭގައި ފެބްރުއަރީ މަހު އެހޯ ހަމަޖެހިފައިވާ ފަރާތްތަކުގެ ހަރަދުތައް ވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.