ނޮވެމްބަރ 27, 2024

މަންމައަށް ލަނޑުދީފައި ދަރިފުޅު ހިންގި ބޮޑު ސްކޭމުގެ ފައިސާ މަންމަ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފި

މ. ފާގަތިގޭގެ ވެރިޔާ ސުލްތާނާ އަހުމަދަށް އޮޅުވާލައިގެން އޭނާގެ ދަރިފުޅު އިބްރާހިމް ހުނައިން އަހުމަދު އެގޭގެ އެޕާޓުމެންޓުތައް ކުއްޔަށް ދޫކުރި ކަމަށް ބުނެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށްފަހު، އެޕާޓުމެންޓް ހަވާލުނުކޮށް، ހިންގި ސްކޭމުގެ ފައިސާ ސުލްތާނާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ސ. ފޭދޫ/ ފިލިގަސްދޮށުގެ، ހައްވާ ސަދާއާއި ސުލްތާނާއާ ދެމެދު 22 ޖެނުއަރީ 2020 ގައި ވެފައިވާ ލީސް އެގްރީމެންޓެއްގެ ދަށުން، ސުލްތާނާއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައި ވީނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފާގަތިގޭގެ ހަތަރުވަނަ ފްލޯގެ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކޮށްފައިނުވާތީ، ހައްވާ ވަނީ ސިވިލް ކޯޓުގައި ސުލްތާނާއާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

ދައުވާގައި ހައްވާ އެދިފައިވަނީ ލީސް އެގްރީމެންޓާ އެއްގޮތަށް އެޕާޓްމެންޓް ހަވާލުކޮށް ދިނުމަށް އަމުރުކޮށް ދިނުމަށް ނުވަތަ އޭނާ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް ސުލްތާނާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ ދައުވާއާ ގުޅިގެން ސުލްތާނާގެ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށް ބުނެފައިވަނީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނާ ބުނީ ދައުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު ހުނައިންގެ ފަރާތުން ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށާއި އެހެންކަމުން އެ އެއްބަސްވުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ބާތިލުވާނެ ކަމަށެވެ.

އަދި އެޑްވާންސްގެ ފައިސާގެ ގޮތުގައި އޭނާއަށް އެއްވެސް ފައިސާއެއް ލިބިފައިނުވާތީ އެޕާޓުމެންޓުވެސް އަދި ފައިސާވެސް ދައުވާކުރާ ފަރާތަށް ދޭން ނުޖެހޭނެ ކަމަށް ސުލްތާނާގެ ފަރާތުން ބުންޏެވެ.

އެ މައްސަަލައިގެ ރައުޔު އިއްވަމުން ގާޒީ އަހުމަދު އަބްދުލްމަތީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ވަނީ ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެލުމުގައި ދެކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް ކަނޑައަޅައިފައި ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒުގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއިކުރުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެ އުސޫލަށް ރިއާޔަތްކުރުމުގައި ނުރަނގަޅު ނުފޫޒު ފޯރުވުމުގައި އެފަދަ މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ ނޫންތޯ ބަލަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

”ސުލްތާނާ އަހުމަދު ކޮންޓްރެކްޓުގައި ސޮއިކުރީ އިބްރާހީމް ހުނައިން އަހުމަދު ބުނި ބަހަކަށް، އޭނާއަށް އިތުބާރުކޮށްގެން ކަމުގައި ބަލާ ހާލަތުގައި، އެ އިތުބާރާ ޔަގީންކަން ދެމި އޮންނާނީ ސުލްތާނާ އަހުމަދުއާއި އިބްރާހީމް ހުނައިން އަހުމަދުއާ ދެމެދުގައެވެ. އަދި އެ އިތުބާރާއި ޔަގީންކަން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ހުށަހެޅުނު ކަމަށްވިޔަސް އެކަމުގައި ހައްވާ ސަދާއަށް އެނގުމެއް ނުވަތަ ބަލަންޖެހޭ ބެލުމެއް އޮތްކަމަށް ބުރަނުވެއެވެ. ހައްވާ ސަދާއާއި ސުލްތާނާ އަހުމަދުއާ ދެމެދު ނުރަނގަޅު ނުފޫޒެއް ފޯރުވޭނެ ފަދަ ގުޅުމެއް ނެތެވެ“ ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ތިންވަނަ ފަރާތެއްގެ ގޮތުގައި ހުނައިންގެ ފަރާތުން ސުލްތާނާއަށް ނުފޫޒު ފޯރުވައިގެން ހައްވާއާ ދެމެދު ކޮންޓްރެކްޓެއްގައި ސުލްތާނާ ބައިވެރި ކޮށްފައިވޭތޯ ބަލާއިރު، އެފަދައިން އެކަންވެސް މި މައްސަލައިގައި ސާބިތު ނުކުރެވޭ ކަމަށެވެ.

ގާޒީ ވިދާޅުވީ ކޮންޓްރެކްޓުގައި އެޑްވާންސްގެ ފައިސާގެ ގޮތުގައި ބަޔާންކުރާ 400،000 ރުފިޔާ ދައްކަންޖެހޭ ކަމާމެދު ހިލާފެއް ނެތް ކަމަށެވެ. އެ ފައިސާ ނުލިބޭ ކަމަށް ދައުވާ ލިބޭ ފަރާތުން ބުނާތީ އެ ފައިސާ ދެއްކިކަން ސާބިތު ކުރުމުގެ ޒިންމާ އޮތީ ދައުވާކުރާ ފަރާތަަށް ކަމަށްވެސް ވިދާޅުވިއެވެ.

ދައުވާކުރާ ފަރާތުގެ ހެކި ލިސްޓާއެކު ހުނައިންއަށް 100،000 ރުފިޔާ ޓްރާންސްފާ ކުރިކަމުގެ ސްލިޕް ކޮޅަކާއި އެފަހުން 100،000 ރުފިޔާ ޓްރާންސްކުރީ ކަމުގެ ސްލިޕް ކޮޅެއްގެ އިތުރުން 125،000 ރުފިޔާ ޓްރާންސްފާ ކުރިކަމުގެ ސްލިޕްކޮޅެއް ހުށަހެޅިއެވެ. އަދި 25،000 ރުފިޔާ ހުނައިން ދެއްކި ކަމަށް ބުނާ ލިޔުމެއް ހުށަހަޅައިފައެވެ.

ހުނައިން އެކި ދުވަސްތަކުގެ މަތިން އެ ފައިސާ ޓްރާންސްފާ ކޮށްފައިވާނެ ކަމަށް ހައްވާގެ ފަރާތުން ހުށަހެޅި ހެކިވެރިއަކު ބުނެފައިވެއެވެ. ހައްވާގެ ފިރިމީހާ ހެކިބަސް ދެމުން ބުނީ 400،000 ރުފިޔާގެ ތެރެއިން ބައެއް ފައިސާ ދައްކާފައިވަނީ ކޭޝްކޮށް ކަމަށެވެ. ފައިސާ ހުނައިން ހަވާލުކުރަން ޖެހެނީ ކީއްވެގެންތޯ ހައްވާގެ ފިރިމީހާއާ ސުވާލުކުރުމުން އޭނާ ބުނީ ”އެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަކީ އޭނާ ކަމަށް“ ހުނައިން، ބުނެފައިވާ ކަމަށެވެ.

”ކުލީގެ ކޮންޓްރެކްޓުގެ ބައިވެރިންނަކީ ސުލްތާނާ އަހުމަދުއާއި ހައްވާ ސަދާއެވެ. އެހެންކަމުން ކުލީގެ ފައިސާ ލިބެންޖެހޭނީ ސުލްތާނާ އަހުމަދަށެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށެވެ. އިބްރާހިމް ހުނައިން އަހުމަދުއަށް އެޑްވާންސް ފައިސާ ނުވަތަ ކުލި ދައްކައިފައިވަނީ ސުލްތާނާ އަހުމަދު ބުނެގެންކަން މައްސާލަގައި ސާބިތު ނުކުރެވެއެވެ“ ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ރައުޔު ކަނޑައެޅުއްވީ އެޑްވާންސް ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އޭނާ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ހުނައިން ދައްކާފައިވާކަން ބަޔާންކުރާ ފައިސާއަކީ ސުލްތާނާއަށް ލިބިފައިވާ ފައިސާއެއް ކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދައްކަން ސުލްތާނާއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި ދައުވާގައި ހިމެނޭ ކޮންޓްރެކްޓުގެ ދަށުގެ ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާކަން އެނގެން ނެތުމުން، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ މ. ފާގަތިގޭގެ ހަތަރުވަނަ ބުރީގައި ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކުރުމަށް ސުލްތާނާއަށް އަންގާނެ ސަބަބެއް ނެތް ކަމަށް ހުކުމުގައި ގާޒީ ވިދާޅުވިއެވެ.