ނޮވެމްބަރ 22, 2024

ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާ ގޮތް ހަދަނީ

ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު އަމިއްލަ ކުރެވޭ ގޮތް ނުވަތަ މިލްކު ކުރެވޭގޮތް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގިރިފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފްގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ސިފައިންގެ ތެރެއިން ގިނަ ދުވަހު ހިދުމަތް ކޮށްދޭ ސިފައިންނަށް ގެދޮރު މިލްކުކުުރެވޭ ގޮތް ހަމަޖައްސަވައިދެއްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

”ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަަށް ވަންނަ ކުދިން، ބޭނުން ސިފައިންގެ ސްކޮލާޝިޕްގައި ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގެ ތެރެއިން ގައުމަށް ހިދުމަތް ކުރަމުން، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން، ރިޓަޔާ ކުރުމުގެ އޭޖްއާ ހަމައަށް އާދެވިއްޖެނަމަ، ރިޓަޔާ ކުރާނީ އަނބިދަރިންނާއި ކާފަ މާމަ ކުދިންނާއި އެކީ އަބުރުވެރި ދިރިއުޅެވޭ ހާލެއްގައި“ ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން އެއްގަމާއި ކަނޑާއި ވައިގެ ހަތިޔާރާއި ވަސީލަތް ސިފައިންނަށް ހޯދައިދެއްވުމުގެ އިތުރުން ސިފައިންނަށް ބޭނުންވާ ފަރުދީ ކަންކަން ވެސް ހާސިލުކޮށްދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ގެންދަވަނީސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކުން އަސްކަރީ ނޫން ގައުމަށް ފައިދާ ހުރި ދާއިރާތަކުން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައިދެއްވުމަށް ވެސް މަސައްކަތް ކުރައްވަމުން ކަމަށެވެ.