ނޮވެމްބަރ 24, 2024

ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭނެ އުންމީދު އާ ވެއްޖެ: ޔޫނިއަން

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ކުލާސްތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އާ ވެއްޖެ ކަމަށް އެމްއެންޔޫގެ ސްޓޫޑެންޓް ޔުނިވާސިޓީން ބުނެފިއެވެ.

އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެޑިސިން ކިޔަވާ ދަރިވަރުން ބޭނުންކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އަށެއް އަދި 14 ވަނަ ފަންގިފިލާ އޮތީ 10 އަހަރު ދުވަހަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވައި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ އެއްބަސްވުން އުވާލައިފަ އެވެ.

އެހެންވެ ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި މެޑިސިން ސްކޫލްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލުކުރަން ވަނީ ފަށައިފަ އެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންނާއި ސްޓޫޑެންޓް ޔޫނިއަނުން ވަނީ މީގެ ކުރިން ކަންބޮޑުވުންފާޅުކޮށްފައެވެ.

ސްޓޫޑެންޓް ޔޫނިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުން ނުކުންނަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ރައީސް އޮފީހުގެ އިސްވެރިންނާއެކު ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްވެރިން ވަނީ ދަރިވަރުންގެ ކިޔެވުމަށް ދަތިނުވާނެ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުނެފައި ކަމަށް ސްޓޫޑެންޓް ޔޫނިއަނުން ބުންޏެވެ.

”އަދި މި ކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވެފައި، މެޑިސިން ކިޔަވާ އަޅުގަނޑުމެންގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު ވަނީ އާ ވެފަ އެވެ“ ސްޓޫޑެންޓް ޔޫނިއަނުން ބުންޏެވެ.

ސްޓޫޑެންޓް ޔޫނިއަނުން ބުނީ ދަރިވަރުންގެ ތައުލީމީ ހައްގުތައް ހިމާޔަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވަމުންދާ ކަމަށެވެ. މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ސްޓޫޑެންޓް ޔޫނިއަނުން ބުންޏެވެ.