ޖުލައި 4, 2024

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: އަޒްމީން އާއި ނާނަގެ ޕެއާއަށް ރިހި މެޑަލް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާއީލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ)ގެ ޕެއާ ރިހި މެޑަލް ހޯދައިފި އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ޕެއާއަކުން ހޯދި ފުރަތަމަ ރިހި މެޑަލް އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް ފައިނަލުގައި ރޭ ރާއްޖޭގެ ޕެއާ ވާދަކޮށް ރަން މެޑަލް ހޯދީ އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާގެ ޕެއާއާ އެވެ.

އަޒްމީން އާއި ނާނަގެ ޕެއާ ޑަބަލްސް ބައިގެ ފައިނަަލަށް ދަތުރުކުރީ ސިންގަޕޫރުގެ ލީނަސް ޕޯލް އާއި ބާލާޖީގެ ޕެއާ އާއި ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އާއި އެމްޑީ އަލީގެ ޕެއާ ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން ރާއްޖޭގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ ވަނީ އަންހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ރަޝްމީ ކުމާރީ އާއި ކޭ ނަގާޖޯތީގެ ޕެއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ އިން ވަނީ ބަލިވެފަ އެވެ.

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މި އަހަރު ބާއްވާއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ހިމެނެ އެވެ.