ރާއްޖޭގައި ދިރިއުޅޭ ހުރިބާ ބިދޭސީންގެ ފޮޓޯއާއި ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
”އަހާ“ ފޯރަމްގައި، އާންމުންގެ މީހަކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ބިދޭސީންގެ ތެރެއިން ބައެއް މީހުންގެ އަތުގައި އެ މީހުންނަކީ ކާކުކަން ސާބިތުކޮށްދޭނެ ލިޔެކިޔުމެއް ނެތް ކަމަށެވެ. އަންނަ މަހުން ފެށިގެން ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ ނަގައި ވޯކް ޕާމިޓާ ދިމާވޭތޯ ބަލާނެ ކަމަށެވެ.
”އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،“ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސަރުކާރުން އަމާޒު ހިފައިފައިވަނީ ތިން އަހަރުގެ ތެރޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. ސަރުކާރުން ވަނީ ގަވާއިދާހިލާފަށް އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވެއްދޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސައިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ހަމަޖައްސައިދީފައިވާ އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުން ރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
”މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ، އިހުސާން ވިދާޅުވިއެވެ.
ބިދޭސީންގެ ތެރެއިން އެ މީހުންނަކީ ކާކުކަން ނޭނގޭ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، އެމީހުން ނިސްބަތްވާ ގައުމެއްގެ އެމްބަސީއަކާ ގުޅިގެން ޓްރަވެލް ޑޮކިއުމެންޓެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި އެފަދަ މީހުން ގައުމަށް ފޮނުވާލުމަކީ ސަރުކާރުން މިހާރު ގެންގުޅޭ ޕްލޭންކަމަށް އިހުސާން ވިދާޅުވިއެވެ.




ގުޅުންހުރި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން