މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިމިވަނީ މިދިޔަ އެޕްރީލް މަހުގެ ބިލު ބޮޑުވުމުން އެކަމުގެ ޝަކުވާ މީހުން ސޯޝަލް މީޑިއާގައި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފަހުމީ އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ހަރުދަނާ އަދި އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ސްޓެލްކޯއިން ކޮށްދޭނެ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ.“ ފަހުމީ ވިދާޅުވިއެވެ.
ރޯދަމަހު ކަރަންޓު ބިލުތަކަށް ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު މާޗު ހަތެރެއްގައި ބ. އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަމަހު ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިއަހަރުގެރޯދަ މަހުގައި އެނެން ނުވާނެ ކަމަށެވެ.
”އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ.“ ރައީސްވިދާޅުވެފައިވެއެވެ.
ކަރަންޓާއި ފެނުގެ ލޯޑު ކިތަންމެ ބޮޑުވިޔަސް ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި:
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
ނަރުހުންގެ އަގު، ކުރީ ސަރުކާރުތަކުން ވަޒަންނުކުރާ މިންވަރަށް ވަޒަންކުރާނަން: ރައީސް
ދުނިޔެ ދެކޭ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން: