މި އޮތް ބޮޑު ކައުނާއި މި ކައުނުގައިވާ ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި މި ނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާ ކަމަށާއި އެ ހުރިހާ ކަމަކީ އިއްތިފާގަކުން ވާ ކަމެއް ކަމަށް، ގަބޫލުކުރުމަކީ ބޮޑު މޮޔަކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ سُبْحَانَهُ وَتَعَالَى މައުރިފާކޮށް ދެނެގަތުމަކީ އެންމެ މަތިވެރި އަމަލުތަކުގެ ތެރެއިންވާ ކަމެއް ކަމަށާއި އެކަލާނގެ މައުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާ އަކީ އެ ކަލާނގެއަށް ފުރިހަމަ ގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން ކަމަށެވެ.
އަދި މާތް ﷲ އަށް އީމާންވާ މީހާ، އެ ކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކެއް ނެތި ތެދުކޮށް ޔަގީންކަމާއެކު ގަބޫލުކޮށް، އީމާންވާން ޖެހޭއިރު އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މާތް ﷲ ލައްވާފައިވާ ފިތުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ހަގީގަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ގާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއް ނެތި، އިއްތިފާގަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ގަބޫލު ނުކުރާ ކަމަށާއި ފެންނަން ހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ގުރުއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى އަންގަވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި އާލަމު ވުޖޫދުގައިވުންކަން ފާހަގަކޮށް ހުތުބާގައި ބުނީ، ހަލްގު ކުރެވިފައިވާހާ އެއްޗަކަށް ”އާލަމޭ“ ކިޔައި ނަންދެވިފައި ވާއިރު އެ ތަކެއްޗަކީ ﷲ تَعَالَى ވޮޑިގެންވާ ކަމުގެ އަލާމާތެއް ކަމަށެވެ.
އެގޮތުން ވުޖޫދުގައި ވާ ކޮންމެ އެއްޗެއް ވުޖޫދު ކުރި ފަރާތެއް ވާނެކަމާއި ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމާއި ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަން ބުއްދި ހުރި ކޮންމެ އިންސާނަކު ގަބޫލުކޮށް، އިންކާރު ނުކުރާނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންދާ ކަމަށެވެ.
އެގޮތުން ވޮޑިގެންވާ ކަމަށް ދައުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައި މީހުން ސުވާލުކޮށް، ނުފެންނަ ނުވަތަ ހިއްސުތަކުން އިހުސާސްނުވާ ތަކެތި ގަބޫލުކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާ ކަމަށާއި ނަމަވެސް ހަގީގަތުގައި އެއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ފެނުމަކީ ނުވަތަ ހިއްސުތަކުން ސީދާގޮތެއްގައި އިހުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ގަބޫލުކުރުމަށް ވާ ޝަރުތެއް ނޫން ކަމަށެވެ. އެގޮތުން ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެންވެސް ގަބޫލު ކުރި ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިހުސާސް ވާ އެއްޗެއް ނޫން ކަމަށް ބުންޏެވެ. އަދި ބުނީ ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫން ކަމަށެވެ.
ގުޅުންހުރި
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.
ފާފައެއް ކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން، ރެކެން އޮތް