ގދ. ފަރެސްމާތޮޑާ/ ކޮކާ، އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހައި މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވ. ފެލިދޫ އިން މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އާގިލް ގަޔަށް ވަޅި ޖަހައި މަރާލީ އޮގަސްޓް 31، 2018ގަ އެވެ.
އެ މައްސަލައިގައި ވިޝާމްގެ މައްޗަށް އުފުލާފައިވަނީ އާގިލް މަރާލުމުގައި އެހީތެރިވިކަމުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އާގިލް މަރާލި ދުވަހުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައި އާގިލުއަށް ފުލިދޫ އިން މާލެ އައުމަށް ލޯންޗެއް ހަމަޖައްސައިދީ، ހަމަ އެ ދުވަހު އާގިލު އާއެކު ފުލިދޫ އިން މާލެއަށް އައި ”ސްކަލް ރައިޑާ“ ލޯންޗުގައި އިނދެ، އެ ލޯންޗު ލަފާނެކަމުގެ މައުލޫމާތު ކ. މާފުށި/ ސްވީޓްމީޑު އަހުމަދު މާހިރުއަށްދީ، އާގިލު މަރާލުމަށް އެހީތެރިވެފައިވާތީ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ވިޝާމްގެ މައްޗަށް ކޮށްފައިވާ އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް އެ އޮފީހަށް ލިބުމުން، ދިރާސާކުރުމަށްފަހު މައްސަލަ އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އާގިލުގެ މަރުގެ މައްސަލައިގައި ދައުލަތުން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ ދެ މީހުންގެ ބައި ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ ދެ މީހުންގެ ބައި އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.

ގުޅުންހުރި
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!
ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ރަސްމާލެ ހިއްކާކަށް ނުޖެހޭ: އައްބާސް