ޖުލައި 4, 2024

ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ. އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500ރ. އަށް ކުޑަކޮށް ގޭޓްފީ ނެގުން ހުއްޓާލައިފި އެވެ.

ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން މީގެ ކުރިން ނަގަމުން އައީ 750ރ. އެވެ. ވެމްކޯގެ ކުނި ޕިކަޕްގެ ފީ ކުޑަކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500ރ. އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150ރ. ގެ ގޭޓް ފީ ވެސް އެ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ، މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ބަލައި އަގު ނެގުންވެސް ހުއްޓާލާފައިވާ ކަމަށެވެ.