ނޮވެމްބަރ 22, 2024

ޑެޕިއުޓީ މިނިސްޓަރު ވަޖުދީ ވެސް ސަސްޕެންޑްކޮށްފި، އެކަމެއް އޭނާއަކަށް ނޭނގެ!

ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ވަޖުދީ ސަސްޕެންޑް ކޮށްފައިވާކަން ”ހަފްތާ“ އަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ނަމަވެސް ސަސްޕެންޑް ކުރި ކަމެއް ވަޖުދީއަކަށްވެސް ނޭނގެ އެވެ. އެކަމުގެ ތަފުސީލު ހޯދަން ރައީސް އޮފީހާއި ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލުންނަށް ގުޅުމުން އެ ބޭފުޅުންނަށްވެސް އެކަމެއް ނޭނގެ އެވެ.

ވަޖުދީއަކީ މިއަދު ސަސްޕެންޑް ކުރި ދެވަނަ ޑެޕިއުޓީ މިނިސްޓަރެވެ. މިއަދު ހެނދުނު ސަސްޕެންޑް ކުރީ ސްޕޯޓްސް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒެވެ. އޭނާ ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ކަމަށް ބުނެ އެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެއްވަން އައްޔަން ކޮށްފައި ތިއްބަވާ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ، މި ދެ ބޭފުޅުން މަގާމުން ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.

ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރުން މިއަދު ސަސްޕެންޑް ކުރި އިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އިބްރާހީމް (ކުޑީ) އާއި އެޗްޑީސީގެ ޗެއާމަން އަހުމަދު ޒުހޫރު އެ މަގާމުން ވަކިކޮށްފަ އެވެ.

އަދި ރޭގެ ވަގުތެއްގައި މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކުރި ނަމަވެސް މިއަދު އޭނާ ވަނީ ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.