ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވެފައިވާ އިރާނުގެ ރައީސް އިބްރާހިމް ރައީސީގެ ހަށިކޮޅު ފަސްދާނުލައިފި އެވެ.
އުމުރުފުޅުން 63 އަހަރުގެ ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފުތިތާހު ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި މިދިޔަ އާދީއްތަ ދުވަހު އެވެ. ރައިސީ އާއެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވި އެވެ.
ރައީސީގެ ޖަނާޒާގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވަނީ އީރާންގެ ވެރިރަށް ތެހެރާންގަ އެވެ. ޖަނާޒާގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނެވީ އެ ގައުމުގެ ލީޑަރު އަލީ ހާމަނާއީ އެވެ.
ރައީސީ އަވަހާރަވިތާ ހަތަރު ދުވަސް ފަހުން އެ މަނިކުފާނުގެ ހަށިކޮޅު މިއަދު ފަސްދާނުލާފައި ވަނީ އުފަން ރަށް މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތުގަ އެވެ.
ފަސްދާނުލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވީ، ރައީސީގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ނައިބު ރައީސް މުހައްމަދު މުޚްބީރެވެ. އީރާންގެ ރައީސަކު ހޮވުމަށް އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހު ބާއްވާ އިންތިހާބާ ހަމައަށް އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނަވާނީ އޭނާ އެވެ.
ރައީސީގެ ހަށިކޮޅު ފަސްދާނުލުމުގެ ރަސްމިއްޔާތަށް ގިނަ ބަޔަކު މަގުތަކަށް ނުކުތް އިރު، މަޝްހަދުގެ މޭޔަރު ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތުގައި ތިން މިލިއަން މީހުން ބައިވެރިވި އެވެ. އެއީ ގާތްގަނޑަކަށް އެ ސިޓީގެ ޖުމުލަ އާބާދީ އެވެ.
ގިނަ ބަޔަކު ވޯޓުލާން ނުކުންނަން ދެކޮޅު ހަދައި، ސިޔާސީ ވާދަވެރިން ކުރިމަތިނުލެވޭ ގޮތަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި ރައީސީ އިރާނުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.
ރައީސީ އަކީ އިރާނުގެ އެންމެ ބާރުގަދަ، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ޚާމަނާއީ އެކޭ އެއްގޮތަށް، ރައީސީއަކީވެސް އިރާނުގެ އެންމެ ބޮޑު އަދުއްވުންގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލު ކަނޑައަޅުއްވައި، ފާޅުގައި ކެރިވަޑައިގެން ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅެކެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް