ސެޕްޓެމްބަރ 21, 2024

ބާ ވެހިކަލް ދޫކޮށްލަން ބޭނުންވާ މީހުންނަށް ”ބައިބެކް“ ޕްރޮގުރާމެއް ތައާރަފުކުރަނީ

ބާ ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ”ބައިބެކް“ ޕްރޮގުރާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އެ މިނިސްޓްރީން ހެދި ސާވޭއެއްގެ ނަތީޖާގައިވާ ގޮތުން 18 ޕަސަންޓާއި 21 ޕަސަންޓު މީހުން ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ކަމަށެވެ.

އަމީން ވިދާޅުވީ ވެހިކަލް ގަތުމަށް ލުއި ސްކީމުތައް ތައާރަފުކުރުމުގެ ސަބަބުން ބޭނުންވާ ވަރަށް އިތުރަށް ބައެއް މީހުން ވެހިކަލްތައް ގަނެފައިވާ ކަމަށެވެ. ވެހިކަލްތައް ދޫކޮށްލަން ބޭނުންވަނީ އެގޮތަށް ގެނެފައިޗާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެއީ ވަރަށް ފަސޭހައިން ލިބޭ ސްކީމްތައް ހުރީމަ ނަގައިގެން ލޯނާއި މިކަހަލަ ދަތިތަކުގެ ތެރެއަށް ވަދެވިފަ ތިބި އެތައް ފަރާތްތަކެއް ތިބީމަ، ދެ ވެހިކަލެއް ތިން ވެހިކަލެއް އަތުގައި ހުރީމަ ދޫކޮށްލަން ބޭނުންވަނީ، އެހެންވީމަ އަޅުގަނޑުމެންނަނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށްތާ ބަދަލުވެގެން ދާނީ،“ މިނިސްޓަރު ވިދާޅުވިއެވެ.

”ބައިބެކް“ ޕްރޮގުރާމް ތައާރަފުކުރުމުގެ ކަންކަމާ މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި ކެބިނެޓަށް ހުށަހަޅާނެ ކަމަށާއި ”ބައިބެކް“ ޕްރޮގްރާމް ކުރިއަށް ގެންދާނީ ”މާލެ ފަހި“ ޕްރޮގުރާމުގެ ތެރެއިން ކަމަށް އަމީން ވިދާޅުވިއެވެ.