ސެޕްޓެމްބަރ 21, 2024

ޑޮލަރު މާރުކުރުމަށްފަހު ލިބެންޖެހޭ ހަތަރު މިލިއަން ރުފިޔާ ލިބިފައިނުވޭ: ޕީއެސްއެމް

ޑޮލަރު މާރުކުރުމަށް ޕީއެސްއެމުން ހިންގާފައިވާ އެކި މުއާމަލާތްތަކުން ލިބެންޖެހޭ ހަތަރު މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޒީނާ ވިދާޅުވީ ޕީއެސްއެމްގެ ފައިނޭންސް ހެޑް އަހުމަދު ހަނީފު މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް ނޭނގި އަމިއްލަ ފަރާތަކާއެކު ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އޭނާ އެ މުއާމަލާތްތައް ކޮށްފައިވަނީ ކުންފުނީގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ ހަނީފު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ޒީނާ ވިދާޅުވިއެވެ.

”ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު އުފެދޭ ފަދަ ގޮތަކަށް މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވުމާއެކު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،“ ޒީނާ ވިދާޅުވިއެވެ.

”ލިޔެކިޔުންތަކުން އެބަ ދައްކާ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި ކަމަށް. އަޅުގަނޑުމެން ހަވާލުވި އިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތް. ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި ވެސް އެންމެ ޑޮލަރެއް ނެތް،“

ޒީނާ ވިދާޅުވީ ހަނީފުއާ ގުޅޭ އިންޓަގްރިޓީ މައްސަލަތަކެއް 2017 ގައި ފުލުހަށް ވެސް ހުށަހަޅައިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހަނީފު ވަނީ ކުންފުނީގެ މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ރުފިޔާ ނަގައިފައި ކަމަށާއި އެ ރުފިޔާ އަނބުރާ ހަނީފު ދީފައިނުވާ ކަމަށް ޒީނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން، މުވައްޒަފުންގެ ފަރާތުން ވެސް ޝަކުވާ އެބަ އާދޭ. އޭރުގެ ފައިނޭންސް ހެޑަކަށް ހުންނެވި ބޭފުޅާ، އެ މުވައްޒަފުންގެ އަތުން 50،000 ރުފިޔާ، 60،000 ރުފިޔާ، 80،000 ރުފިޔާ ނަގާފައި. އެ ރުފިޔާ އަނބުރާ ނުލިބި ހުރި ކަން،“ ޒީނާ ވިދާޅުވިއެވެ.

Leave a Reply