ނޮވެމްބަރ 25, 2024

ތިލަމާލެ ބުރިޖު: 2025ގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލެވޭނެ

މި އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖު، މާލެއާއި ވިލިމާލެއާ ގުޅުވާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބްރިޖު މަޝްރޫއުގެ ސެގްމަންޓްތަކުގެ މަސައްކަތް ނިމޭނެ ތާރީހުތައް ހިއްސާކުރައްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ މާލެއާއި ގުޅީފަޅު މާޗު 31، 2026 އަށް ނިމޭނެ ކަމަށާއި އެ މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026 އަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސްއާ ވާހަކަދައްކައި ބުރިޖު އަންނަ އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެއާ ގުޅުވައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފްކޮންސްގެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ ގޮތާމެދު އަދި ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ތިލަމާލެ ބުރިޖު މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.