ޖުލައި 3, 2024

70 ހެކްޓަރުގެ ބިން ހިލޭ ދީގެންވެސް ރަސްމާލެ ޕްލޭން ފެއިލް، ހެދި އެއްބަސްވުން ބާތިލުކުރަނީ

ރަސްމާލެ ޕްރޮޖެކްޓަށް ކ. ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ފައިސާ ލިބޭނެ ގޮތެއް ނުވެ، އެ މަޝްރޫއު ހުއްޓިފައި އޮތުމުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކައިގެން ރަސްމާލެ ނަމުގައި ވަކި ރަށެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އެދިގެން މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް މަޖިލީހުން އެ އަދަދު އުނިކުރި އެވެ.

އެކަމަށް ހިމެނި ބަޖެޓު އުނިކުރުމުންވެސް ރައީސް މުއިއްޒު ވަނީ ޑިސެމްބަރު 18، 2023 ގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ. އެ މަޝްރޫއުއާ ގުޅޭ ގޮތުން އެ މަނިކުފާނު އޭރު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދާނެ ކަމަށެވެ.

އޭގެ ބަދަލުގައި ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފައިނޭންސިން އުސޫލުން ސީއެމްސީސީއާ ހަވާލުކުރީ 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ. އަދި ހުޅުމާލެ އިން އެ ކުންފުންޏަށް ދިން ބިން ވިއްކާލަންވެސް އިއުލާން ކުރި އެވެ.

އެ މަޝްރޫއު ފެށިތާ ފަސް މަސް ވެގެން ދިޔައިރު، މަޝްރޫއުގެ ދަށުން ހިއްކުނީ އެންމެ 10 ހެކްޓަރެވެ. އޭގެ ފަހުން އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އެތަނަށް ދިޔަ ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި ހިއްކި ބިންކޮޅުވެސް ދަނީ ގިރަމުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ، ސީއެމްސީސީއާ ރަސްމާލޭގެ ބިން ހިއްކުން ހަވާލުކުރި އެ ކުންފުނިން ހުށަހެޅި ހުށަހެޅުން ރަނގަޅުވުމުން ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ގޮތުން މަޝްރޫއުގެ މަސައްކަތް ނިންމާނެ ކަމަށް ބެލެވުނު ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ކުރިން އިއުލާން ކުރެއްވި ނަމަވެސް އެ ތާރީހަށް އެ މަސައްކަތް ނުނިމޭނެ ކަމަށެވެ. އަދި ރަސްމާލެ މަޝްހޫރު ކުރިއަށް ގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް މިހާރު ހުއްޓިފައިވިޔަސް، ވަރަށް އަވަހަށް އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

”ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުސަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީއެވެ. އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ“ މުއްތަލިބު ވިދާޅުވި އެވެ.