ޖުލައި 6, 2024

ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ބައެއް މަގުތަކުގައި ފެންޖަމާކުރާ ޓޭންކްތައް ބަހައްޓައިފި

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ބައެއް މަގުތަކުގައި ފެންޖަމާކުރާ ޓޭންކުތައް ބަހައްޓައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން އިއްޔެ ބުނީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތުގެ ދަށުން، ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރަހައްދު ބަންދުކޮށް، އެމަގުތަކުގެ ކަނެކްޝަންތައް ކަލްވާޓް ލައިނާއި ގުޅާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ބޮޑުތަކުރުފާނުމަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވާޓް ލައިންގެ ކާސްޓިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ބިމުގެ އަޑިން ހަދާ ކަލްވާޓް ލައިންގެ ކާސްޓިންގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތް ވެސް ނިންމާލައިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.

މީގެ އިތުރުން ހަވީރީ ހިގުމާއި ބޮޑު ތަކުރުފާނުމަގާއި ކަލްވާޓްއާ ގުޅުވާލަދޭ ޖަންކްޝަންތަކުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި އެގޮތުން ބޮޑުތަކުރުފާނު މަގާއި ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރައްދުން ފެންޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތައް ކޮށްފައިވާނެ ކަމަށް އާރްޑީސީން ބުންޏެވެ.

ރޭގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގާއި ހަވީރީ ހިގުން ގުޅޭ ސަރަހައްދު ބަންކޮށް އެ މަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.