އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރި ކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ކަފައިގެން ގޮސްފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.
އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ ”ޓްވިންސް“ ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. އޭނާ މޫދުން ނަގައިގެން ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު މި ނޫހަށް ވިދާޅުވީ، އެ ހާދިސާގައި އެ މީހާގެ ގައިގައި ޖެހުނީ މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ކަމަށެވެ. އަދި އެއީ މާލެ ދަތުރުކުރުމަށް ލޯންޗު ދުއްވާ އުޅޭ ސަރަހަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަނގެތީ ކައުންސިލް މެންބަރަކު މި ނޫހަށް ވިދާޅުވީ، އޭނާގެ ހަށިގަނޑު ރަށު ސިއްހީ މަރުކަޒަށް ގެނައީ އެމްބިއުލާންސްގައި ކަމަށާއި އެމްބިއުލާންސް ތެރޭގައިވެސް އޮތީ ލޭ ހެދިފައި ކަމަށެވެ. އަދި އޭނާގެ ބޮލުގެ ފުށްކިބައިން ބޮޑުތަނެއް ކަފައިގެން ގޮސްފައިވާއިރު، މޫނުން ފެށިގެން ފޫޅާ ހަމައަށް އޮތީ ކަފައިގެން ގޮސްފައި ކަމަށް ވިދާޅުވި އެވެ.
”މޭމަތި އެއްކޮށް އޮތީ ގޮސްފައި. އެކަމަކު ހަށިގަނޑު ވައްކަތް ނުވޭ. ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި އޮތީ،“ ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މީހާގެ ގައިގާ ޖެހުނު ލޯންޗު ދަތުރުކުރި ވަގުތަކީ އިރު އަރައިގެން އައި ގަޑި ކަމަށެވެ. އެހެންވެ އިރުގެ ދޯދިތަކުގެ ސަބަބުން އެ ސަރަހައްދުގެ މޫދުގައި ބަޔަކު ތިބިކަން ލޯންޗު ދުއްވަން އިން މީހާއަށް ނޭނގުނީ ކަމަށް ވެދާނެ ކަމަށް ބުންޏެވެ.
ނަމަވެސް ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ވެސް ނަގައިގެންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ހާދިސާއާ ގުޅިގެން ލޯންޗު ދުއްވަން އިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.


ގުޅުންހުރި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: