ޖުލައި 2, 2024

20 ޖޫން ބަންދުކޮށް އީދު ބަންދު ދިގުދަންމާލަން ސަރުކާރުން ނިންމައިފި

އަޟްހާ އީދާ ގުޅުވައިގެން މި މަހުގެ 20 ވަނަ ދުވަސް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ ޖޫން މަހުގެ 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި އަހަރުގެ ޒުލްހިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކުރައްވައި އެ މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން ކަލަންޑަރަށް އައި ބަދަލުތަކާ ގުޅިގެން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން 20 ވަނަ ދުވަހަކީ ބަންދު ދުވަހެކެވެ. ކަލަންޑަރުގައި އެގޮތަށް ކަނޑައަޅާފައި އޮތީ މި މަހުގެ 8 ވަނަ ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ބަލައިގެންނެވެ. ނަމަވެސް ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމާ ގުޅިގެން ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބުނެފައިވަނީ ޒުލްހިއްޖާމަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށެވެ. އަދި އަރާފަތު ދުވަހަކީ މިމަހުގެ 15 ކަމަށާއި އަޟްހާ އީދު ފެށޭނީ މިމަހުގެ 16 ގައި ކަމަށެވެ.

އެހެންކަމުން އަޟްހާ އީދުގެ މުނާސަބަތުގައި ބަންދުކުރާ ތިން ދުވަހާއަކީ މިމަހުގެ 16، 17، 18 އަދި 19 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

”ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން، އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އަދި އީދު ބަންދަށްފަހު، މި ޖޫން މަހުގެ 20ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެކަމަށް ފެނިވަޑައިގަންނަވާތީ، 2024 ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީއެވެ.“ ރައީސް އޮފީހުން ބުންޏެވެ.

އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިމަހުގެ 23 ގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.