އޮކްޓޯބަރ 5, 2024

ރާއްޖޭގައި ދިރިއުޅޭ ލަންކާ މީހުން ރެމިޓެންސް ފޮނުވުމަށް ލުއި ގޮތްތަކެއް ހޯދުމަށް އެދިއްޖެ

ރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ މީހުންނަށް، ރެމިޓެންސް ޓެކްސް ފޮނުވުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ލަންކާ، ސަރުކާރުން، ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

ރެމިޓެސް ޓެކްސްގެ ގޮތުގަައި ލަންކާއަށް ޑޮލަރު އެންމެ ގިނައިން ފޮނުވާ އެއް ގައުމަކީ ރާއްޖެ އެވެ. ނަމަވެސް އެ ޓެކްސްގެ ގޮތުގައި މަހަކު ރާއްޖެއިން ބޭރު ކުރެވޭނެ އަދަދު ވަނީ ލިމިޓް ކޮށްފަ އެވެ. ރެމިޓެންސް ގޮތުގައި މިހާާރު ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވެން ހުންނާނީ 250 ޑޮލަރާއި 300 ޑޮލަރެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ”އިކޮނޮމީ ނެކްސްޓް“ގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ހަވާލާދީ ވިދާޅުވީ ރެމިޓެންސް ޓެކްސްގެ ކަންކަމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ.

”ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ މަސައްކަތްތެރިންގެ ފައިދާއަށްޓަކައި، ރެމިޓެންސްގެ ގޮތުގައި ފޮނުވޭ ބޭރު ފައިސާގެ ލިމިޓު ރިވިއު ކުރުމަށް ވާނީ އެދިފަ“ އަލީ ސަބްރިއާ ވިދާޅުވި އެވެ.

ލަންކާގެ ސަރުކާރުން އެ ހުށަހެޅުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ އާބާދީ 15،000 އާއި 20،000 ދެމެދުގެ އަދަދަކަށް އަރަ އެވެ.