ޖުލައި 2, 2024

ދިއްފުށީގައި ހަދާނީ އެންމެ ޒަމާނީ އިންޖީނުގެއެއް، ބުރޫނާރައި މަސައްކަތް ކުރިއަށްދާނެ: ފަހުމީ

ކ. ދިއްފުށީގައި ސްޓެލްކޯ އިން އަލަށް ހަދާ އިންޖީނުގެއަކީ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށާއި އެ އިންޖީނުގެ މަސައްކަތަށް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދިއްފުށީގެ އާ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި އެ ތަނުގެ ބިންގާ އެޅުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ދިއްފުށީގައި މިހާރު ހުންނަ އިންޖީނުގެއަކީ ރަށު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ތަނަކަށް ވުމުން އުނދަގޫތަކެއް ވަމުންދާތީ، އާ އިންޖީނުގެ ހަދަން ނިންމީ މީހުން ދިރިނޫޅޭ ސަރަހަދެއްގައި ކަމަށެވެ.

އަދި އާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ދިއްފުށީ އާ އިންޖީނުގޭގެ މަސައްކަތަކީ ސްޓެލްކޯގެ ހަރަދުގައި ކުރިއަށްދާ މަޝްރޫއެއް ކަމުން، މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ މާހައުލު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ދިއްފުށީ އާ އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި އޮފީސް އިމާރާތެއް ހުންނާނެ ކަމަށެވެ.

ދިއްފުށީ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯ އިން ވަނީ އެ ރަށުގައި 1،000 ގަސް އިންދައިފަ އެވެ.

އެއީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯ އިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ މަޝްރޫއުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯ އިން ވަނީ އަމާޒު ހިފައިފަ އެވެ.