ޖުލައި 4, 2024

ނައީމާ މަރާލީ ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ބަދަލުހިފުމަށް: ފުލުހުން

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލީ، އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބަޔަކަށް ގަބޫލުކުރެވިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެތް އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާ، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު މީހުން ގަބޫލުކޮށް، އެ ވާހަކަ ދައްކައި ހަދާ ކަމަށެވެ. ނަމަވެސް ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.

”ނައީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަން ތަހުގީގަށް އަދި މިހާތަނަށް ނެތޭ ފެނިފައެއް ނުވަތަ އެވަރުގެ ހެއްކެއް ނެތޭ އަޅުގަނޑުމެންނަށް ފެނިފައެއް. އެހެން ނަމަވެސް މޯޓިވްއަކީ އެއް މޯޓިވް އެއް. ކުރިން ވެސް ފާހަގަކުރި ގޮތަށް ނައީމާ މޫސާ އަކީ ފަންޑިތަ ސިހުރު ހަދާ މީހެއްގެ ގޮތުގައި ބަޔަކަށް ގަބޫލުކުރެވިގެން އެކަމުގެ ބަދަލެއް ހިފުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް،“ ސާމިހު ވިދާޅުވި އެވެ.

މަނަދޫގައި އޭނާގެ އަމިއްލަ ގެ، އަންނާރުމާގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެއީ އޭނާގެ ހަބަރެއް ނުވާތާ ދެވަނައަށްވީ ދުވަހެވެ. އެ މައުލޫމާތާ ގުޅިގެން އެ ގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލި އިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ނައީމާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައި ހުއްޓެވެ.

ނައީމާގެ މަރުގެ މައްސަލައިގައި އެ ރަށު ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ފިނިފެންމާގޭ/ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ/ އަޒުހަމް އަބްދުއްޝުކޫރު އަދި ވިނަރެސް/ ހުސައިން ފަވާޒުގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް މިހާރު ވަނީ ފަށައިފަ އެވެ.