ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރާއްޖެއަށް ލިބުނު ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރުން ދީފައިވަނީ ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނަށެވެ. އެ ކުންފުނީގެ ހަވާލުގައި ރާއްޖެ އިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ.
ހައްޖު އޮޕަރޭޝަންގެ ކާމިޔާބީ ހިއްސާ ކުރައްވަމުން މީޑިއާތަކަށް މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ފަހަރުގެ ހައްޖުގައި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކެއުން ހަމަޖައްސައި ދެއްވުނު ކަމަށާއި ޑައިލެލިސް ހަދާ ފަރާތަކާއި ކެންސަރު ފަރުވާ ނަގަމުންދިޔަ މީހުންނާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބި އިރު، އެ އެންމެންނަށްވެސް މަތީ ދަރަޖައިގައި އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.
އޭގެ އިތުރުން އެޑްމިޓް ކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެވުނު ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ހައްޖުގެ އަޅުކަމުގެ ތެރެއިން މަގު އޮޅުނު 100 އެއްހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު ކަމަށާއި އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް އިރު، ބަލި މީހުންވެސް އަރަފަރާތަށް ގެންދެވުނު ކަމަށެވެ. އަދި ވީލްޗެއާގައި އުޅުނު އެންމެނަށްވެސް އެހީތެރިކަން ދެވުނު ކަމަށްވެސް ބުންޏެވެ.
”އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ. މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި. އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ، ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. އިންޝާﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ،“ ޝަހީމް ވިދާޅުވި އެވެ.
މިނާގެ ފޭލިގެތަކުގައި ތާށިކަމެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އިރު، މިނާގެ ފޭލިގެތަކުގައި ހާޖީން ތޮއްޖެހި، އޮށޯތުމުގެ ފުރުސަތު ލިބުނީ ޑިއުޓީ ބަހައިގެން ކަމަށާއި އެކަމުގެ ތެރެއިން ހިތްހަމަނުޖެހުންތައް އުފެދުނު ކަމުގެ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައިވެސް ދެކެވުނެވެ.
ޝަހީމް ވިދާޅުވީ، މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ހައްޖަށް ގެންދިޔަ ދެވަނަ ފަހަރު ކަމަށާއި ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފާ ކުރައްވާ ކަމަށެވެ.
”އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މި ވަރުގެ ކަމެއްގައި ކިތަންމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް،“ ޝަހީމް ވިދާޅުވި އެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: