ޖުލައި 1, 2024

އީޔޫ އިން ދޭ ފުރުސަތުތައް ރާއްޖެއަށް ހޯދަން ސަމޯއާ އެގްރިމަންޓުގައި ބައިވެރިވާން ނިންމައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ހޯދުމަށް ރާއްޖެ އިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެ މަނިކުފާނު އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސަމޯއާ އެގްރީމެންޓާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)/ އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެެ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

ރައީސް އޮފީހުން ބުނީ، މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕިއަން ޔޫނިއަނުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް ހިމެނޭ ކަމަށް ބުންޏެވެ.