ޖުލައި 2, 2024

ޖަމީލް މަރުވީ ސަޖިދައިގައި އޮއްވައި، ހަށިގަނޑުގައި ޒަހަމްތަކެއް!

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލު މަރުވީ ސަޖިދައިގައި އޮއްވައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫ/ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ ޖަމީލަކީ ކަރެކްޝަންސް އާއި ފުލުހުންވެސް ބުނާ ގޮތުން ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ.

ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނީ، ޖަމީލު، ގޮޅިން ބޭރަށް ނުނިކުމެ، އެއްވެސް ހަރަކާތެއް ނެތި ގިނައިރު އޮތްކަން ފާހަގަކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، ސީޕީއާރު ދިން ކަމަށެވެ.

ނަމަވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 12:45 ގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޖަމީލުގެ މަރާ ގުޅިގެން އިހުސާން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަމީލް މަރުވީ ”ކާޑިއޯޕަލްމޮނަރީ އެރެސްޓް“ އެއްގައި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށެވެ.

”ޖަލުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ޖަމީލުގެ އެންމެ ފަހު ވަގުތު ހޭދަކުރީ ނަމާދުގައި. އަދި މަރުވީ ސަޖިދައިގައި އޮއްވައި. ކަރެކްޝަނަލް ސާވިސް އިން އެ ސީސީޓީވީ ފުޓޭޖު ހުރިހާ ތަހުގީގީ އިދާރާތަކާ ހިއްސާ ކުރާނެ،“ އިހުސާން ވިދާޅުވި އެވެ.

ކަރެކްޝަންސް އާއި އިހުސާން މިހެން ވިދާޅުވެފައި ވަނިކޮށް ޖަލުގައި ޖަމީލަށް އަނިޔާކުރި ކަމަށް އާއިލާ އިން ދަނީ ތުހުމަތު ކުރަމުންނެވެ. އޭނާގެ މޫނާއި ގައިގެ އެހެން ބައެއް ހިސާބުތައް ނޫފައިގެންފައިވާ ނިޝާންތަކެއް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އެކަމަށް ބާރު ލިބެ އެވެ.

ފުލުހުން ފުރަތަމަ ނިންމީ އޭނާގެ ޕޯސްޓްމޯޓަމް ނުހެދުމަށެވެ. އެހެންވެ ޖަމީލްގެ އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ރޭ 12:00 ޖެހިއިރު ހަށިގަނޑު ވަޅުލުމަށެވެ.

ނަމަވެސް ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތައް އާންމުވުމުން ފުލުހުން ވަނީ ޖަމީލުގެ ހަށިގަނޑު ހިނަވައި ނިންމާފައި ވަނިކޮށް، އާއިލާގެ ރުހުމާއި ދެކޮޅަށް، ”އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް“ ކަމަށް ބުނެ ހަށިގަނޑު ގެންދަން މަސައްކަތް ކޮށްފަ އެވެ.

އެކަމާ އާއިލާ އިން ދެކޮޅު ހެދުމުން އެ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް ވެސް ސަހަރާއަށް ވަޑައިގަތެވެ. އަދި ޖަމީލުގެ ހަށިގަނޑު ވަޅުލާން ފަހުން ފުރުސަތު ދިނެވެ. އެހެންވެ ޖަމީލުގެ ހަށިގަނޑު މިއަދު ފަތިހު ވަނީ ވަޅުލައިފަ އެވެ.