ޖުލައި 2, 2024

ޖަމީލުގެ ހަށިގަނޑުގައި ހުރީ މަރުވުމަށްފަހު އަންނަ ބޮޑީ ޑިސްކަލަރޭޝަންގެ ނިޝާންތައް: ފުލުހުން

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި ށ. ފުނަދޫ/ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކުން ފެންނަން ހުރީ މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ޑިސްކަލަރޭޝަންގެ ނިޝާންތައް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނީ، ނަފުސާނީ މައްސަލަތަކެއް ހުންނަ ޖަމީލު، ގޮޅިން ބޭރަށް ނުނިކުމެ، އެއްވެސް ހަރަކާތެއް ނެތި ގިނައިރު އޮތްކަން ފާހަގަކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، ސީޕީއާރު ދިން ކަމަށެވެ.

ނަމަވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 12:45 ގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އޭނާގެ މޫނާއި ގައިގެ އެހެން ބައެއް ހިސާބުތައް ނޫފައިގެންފައިވާ ނިޝާންތަކެއް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޖަލުގައި ޖަމީލަށް އަނިޔާކުރި ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ އާންމުވެގެން އުޅޭ ފޮޓޯތަކުން ފެންނަ ނުވަތަ ތަހުގީގަށް ފާހަގަކުރެވިފައި ހުރި ނިޝާންތަކަކީ އެއްވެސް ފަރާތެއްގެ ގޯނާއަކުން ލިބިފައި ހުރި ނިޝާންތަކެއް ނޫން ކަމަށެވެ.

”މިއީ މަރުވުމަށް ފަހު ހަށިގަނޑަށް އައިސް ހުންނަ ބަދަލުތަކާ އެކު އަންނަ ޗޭންޖެސް. މެޑިކަލް ޓާމްސް އިން ދަންނަވާ ނަމަ ބޮޑީ ޑިސްކަލަރޭޝަން، އާންމުވި ފޮޓޯތަކުން ފެންނަ ފަދައިން ބުރަކަށީގައި އެންމެ ބޮޑަށް އެހުރީ ޑިސްކަލަރޭޝަން. ދެންހުރި ނިޝާންތަކަކީ ސަޖިދައިގައި އެ ޕޯސްގައި އޮންނައިރު ގުނަވަންތައް އެޖެހިފައި ހުންނަ ތަންތަން އެ ޕްރެޝާއިން އައިސް ހުރި ޗޭންޖެސް.“ ސާމިހް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ޖަމީލުގެ ޕޯސްޓްޕޯޓަމް ނުހަދަން ނިންމީ ފުލުހުންގެ ތަހުގީގާއި އެޗްއާރްސީމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތެއް ނެތް ކަމާއި ޖަމީލުގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ވެސް ނިންމާފައިވާތީ ކަމަށެވެ.

ފުލުހުން އަލުން ޕޯސްޓްމޯޓަމް ހަދަން ނިންމީ ދައުރުވި ފޮޓޯތަކާއެކު ގުޅިގެން ކަމަށާއި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުންނުވުމުން ވަޅުލަން ހުއްދަ ދިނީ ކަމަށްވެސް ވިދާޅުވި އެވެ.