އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސޯދީ ހިސާބުތަށް ޖަހާފައިވަނީ ނާގާބިލު ސަރުކާރެއް އަންނާނެ ކަމަށް ބަލައިގެން ނޫން ކަމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ދުޅަހެޔޮކޮށް މި އޮތީ ކޮވިޑް ދުވަސްވަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެ ފިޔަވަޅުތައް އަޅައިފައިވަނީ ރަނގަޅަށް ހިސާބު ޖަހައިގެން ކަމަށާއި ފަހުން އިގުތިސޯދު މެނޭޖުކުރަންވެސް ކުރަންޖެހޭނެ ކަންކަން އެނގި ތިބެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އެ ހިސާބުތަކަކީ ނާގާބިލު ސަރުކާރެއް ވެރިކަމަށް އައިސްދާނެ ކަމަށް ބަލައިގެން ޖެހި ހިސާބުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
”އޭރު އަޅުގަނޑުމެންގެ ގްރޯތު ސްޓޯރީއާއި ރިފޯމް އެޖެންޑާ, ރޭޓިން އެޖެންސީތައް, ފިޗުންނާއި މޫޑީސް އަދި އިންވެސްޓަރުންގެ ކޮންފިޑެންސް އޮތީމައި ބީ މައިނަސްގައި ހިފެހެއްޓުނީ. އެކަމު މި ސަރުކާރުން މިދިޔަ ހަތް މަސް ތެރޭ ކޮންމެވެސް ކަންކަމެއް ހިނގައިގެން އެ ކޮންފިޑެންސް ގެއްލުނީމައި ރޭޓިން ދަށްވީ.. އެހެންވީމާ އިގުތިސޯދު މި އޮތީ ރަނގަޅު ހާލަތެއްގައި. ތިޔަ ބޭފުޅުންނަށް މި އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން،“ އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ދަރަނި ނެގުން ނޫން ކަމަށާއި އެ ދަރަނި އަދާކުރުމަށް ވެސް ގިނަ ފައިސާތަކެއް ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެ ހަގީގަތް އޮޅުވާލަމުން ކަމަށް ވިދާޅުވި އެވެ.
”24 ބިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރު ތެރޭ އަދާކުރިން. އެއީ ޔާމީންގެ ދައުރުގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ސާވިސް ކޮށްފައިވާނެ. 2022 ވަނަ އަހަރު މެޗުއާވި ސަނީ ސައިޑް ބޮންޑު ކާމިޔާބު ކަމާއެކު ރީފައިނޭންސް ކުރިން. އެއީ ރާއްޖޭގެ ދަރަންޏަށް ދިމާވި އެންމެ ބޮޑު ހިރާސް,“ އަމީރު ވިދާޅުވި އެވެ.

ގުޅުންހުރި
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެރމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ
ސޭފް ހޯމް އަޅަން 31.5 މިލިއަން ރުފިޔާ ހުޅުމާލެއިން ބިމެއް ގަނެފި
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ