ޒިނޭކުރިކަން ސާބިތުވި ދެ މީހެއްގެ ގައިގައި ހައްދު ޖަހަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ދެމީހުންގެ ތެރެއިން އަންހެންމީހާ އަކީ ހ. ބެންކޮކް/ މަރްޔަމް ހަނާ އެވެ. ފިރިހެން މީހާއަކީ މ. ގްރީންފިޝް/ އަހުމަދު މާއިޝް މުހައްމަދެވެ.
މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، ޒިނޭކުރުމުގެ ކުށުން އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލްއުގޫބާތުގެ ދަށުންނާއި އެމީހުންގެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ ޖިނާއީ އިޖުރާއަތު ގާނޫނަށް ރިއާޔަތްކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަނާއާއި މާއިޝް، 100 އެތިފަހަރުން ހައްދު ޖެހުމަށާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގޭބަންދުކުރުމަށް ކޯޓުން ހުކުމްކުރި އެވެ.



