އޮކްޓޯބަރ 5, 2024

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި ”ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް“ މަހާސިންތާ ނިންމާލައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ މަހާސިންތާ ބާއްވާފައިވަނީ މިދިޔަ މަހުގެ 30 އިން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.އެ މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެ މަހާސިންތާގައި ވަނީ ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ ”ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް“ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އިފްތިތާހުކޮށްދެއްވައިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ފޮތުގައި ސްޓެލްކޯގެ ހިދުމަތުގެ ތާރީހާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންގެ ފިކުރަކީ ވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށެވެ. ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސްޓެލްކޯއަކީ، ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

”ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލުއަންނަތަން ދުރުނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް“ ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީސްޓޭޝަން މެނޭޖަރުންނަށް ހާއްސަ ކޮށްގެން ހިންގި ޑުވެލޮޕްމަންޓް ޕްރޮގްރާމްއިން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެމަގަށް މެނޭޖަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.