މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އާންމުކުރި ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބުނުއިރު ކުންފުނިތަކަށް ވަނީ 2.27 ބިލިއަން ރުފިޔާގެ ލިބިފައި ކަމަށެވެ.
ޕީސީބީން ބުނީ ސަރުކާރު ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ އެޗްޑީސީން ކަމަށެވެ. އެ ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހާބޮޑު ގެއްލުމެއް އެ ކުންފުންޏަށްވީ، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނި ކުރުމުންނާއި، ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުމުން ކަމަށް ޕީސީބީން ބުންޏެވެ.
ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 34،369 އަށް އަރައިފައިވާ ކަމަށް ޕީސީބީން ބުންޏެވެ. 2022 ވަނަ އަހަރު އެ އަދަދު ހުރީ 30،866 ގައި ކަމަށް ޕީސީބީން ބުންޏެވެ. އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނައިން މުވައްޒަފުން އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ހިމެނޭ ކަމަށް ޕީސީބީން ބުންޏެވެ.
އެގޮތުން ފެނަކައަށް 682 މުވައްޒަފުން، އެމްޓީސީސީ އަށް 734 މުވައްޒަފުން، ސްޓެލްކޯ އަށް 302 މުވައްޒަފުން އަދި އެޗްޑީސީ އަށް 642 މުވައްޒަފުން އަލަށް ނަގައިފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
މުވައްޒަފުންނަށް މުސާރަ ދިނުމަށް އެ ކުންފުނިތަކުން ކުރަން ޖެހޭ ހަރަދު 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ޕީސީބީން ބުންޏެވެ.

ގުޅުންހުރި
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރުވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބީއެމްއެލް
މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އާ އެމްޑީއެއް
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ ވެސް އިސްތިއުފާ ދެއްވައިފި
އެޗްޑީސީގެ ބޯޑު މެންބަރަކު މަގާމުން ވަކިކޮށްފި