އޮޑިޓާ ޖެނެރަލް އޮފީހުގެ ތަޖުރިބާ ހުރި އޮޑިޓަރުންނަށް ބޮޑު މުސާރަ ހުށަހަޅައިގެން އެ މުވައްޒަފުން ގެންދާތީ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ އޮޑިޓް އޮފީހުގައި އަދިވެސް އޮތީ 2008 ވަނަ އަހަރު ފެށިގެން އަމަލުކުރަމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަމަށާއި އެހެންކަމުން އެ އޮފީހުން މުވައްޒަފުންނަށް ދޭ މުސާރަ ވަރަށް ކުޑަ ކަމަށެވެ.
އެހެންވެ ސަރުކާރު ކުންފުނިތަކުން ބޮޑެތި މުސާރައިގައި އެ އޮފީހުގެ ތަޖުރިބާ ހުރި އޮޑިޓަރުން ގެންދަމުންދާ ކަމަށް ވިދާޅުވި އެވެ.
”…އަޅުގަނޑުމެންގެ ތެރޭގައި ތިބި އެންމެ އެކްސްޕީރިއަންސްޑް މީހުން ދިޔައިމަ އަޅުގަނޑުމެންގެ މުއައްސަސާގައި އަބަދުވެސް މި ތިބެނީ ޅަ ކުދީން. އަޅުގަނޑުމެން މުއައްސަސާ މި ވަނީ ޅަ ކުދީން ޓްރެއިން ކުރާ ތަނަކަށް،“ ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުން 600 އެއްހާ އޮޑިޓު ކުރަންޖެހޭއިރު، އެ އޮފީހުގައި ތިބީ ޖުމުލަ 161 މުވައްޒަފުންނެވެ. އަދި މުސާރަ ކުޑަވުމުގެ ސަބަބުން އެ އޮފީހުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވަމުންދާއިރު އެކަމުގެ ސަބަބުން އޮޑިޓް އޮފީހުގެ މަސައްކަތްތަކައް ގާނޫނީ ހުރަސްތަކެއް ދިމާވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ނިޔާޒީ އިތުރަށް ވިދާޅުވީ، އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އެކިކަހަލަ ބިރު ދެއްކުމާއި އިންޒާރުތައް ލިބެމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮޑިޓު ތައްޔާރު ކުރި އިރު، އިންޒާރުތައް ލިބުނު ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ