ބްރިޖާއި ހައިވޭއަށް ޓޯލް ފީއެއް ތައާރަފް ކުރުމަށް ކުރަންޖެހޭ ދިރާސާގެ މަސައްކަތް މިއަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
”މާލެ ފަހި“ ޕްރޮގްރާމް ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓޯލް ފީ ނެގުމުގެ ކުރިން ކަމާބެހޭ ހުރިހާ އިދާރާ އަދި މުއައްސަސާތަކާއެކު މަޝްވަރާކުރާނެ ކަމަށެވެ. ޓޯލް ފީ އެއް ނަގާނީ އެއަށްފަހު ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ބްރިޖާއި ހައިވޭ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ،“ މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކަމާބެހޭ އިތުރު މައުލޫމާތެއް އެއްވެސް ވަރަކަށް ހާމަކޮށްފައިނުވެ އެވެ.



