ނޮވެމްބަރ 22, 2024

ދައުލަތަށް ހިދުމަތް ކުރުމުގައި ސްޓެލްކޯގެ މުވައްޒަފުން ތިބެންވާނީ ފިސާރި ކެރިގެން: ފަހުމީ

ސްޓެލްކޯއަށް ހިދުމަތް ކުރުމަކީ ދައުލަތަށް ހިދުމަތްކުރުން ކަމަށްވާތީ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ތިބެން ޖެހޭނީ އެކަމަށް ފިސާރި ކެރިގެން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ އެހެން ވިދާޅުވީ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ދައުލަތުން ދޭ ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންނަށް އެ ކުންފުނިން މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

”އެކަމުގައި ’ދައުލަތަށް ހިދުމަތްކުރުމުގައި‘ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ)… ސްޓެލްކޯއަށް ހިދުމަތް ކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގައި، ރައްޔިތުންނަށް މި ދޭ ހިދުމަތުގައި އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަގީންކަމެއް“، ފަހުމީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަރަންޓާ ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމަށެވެ. އަދި ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ މުވައްޒަފުންގެ ޝަރަފުގައި އެ ބޭފުޅުންގެ އަގުވަޒަންކޮށް، މަރުހަބާ ކިޔުމަށް ސްޓެލްކޯގެ މެނޭޖުމަންޓާއި މުވައްޒަފުން އިސްނަގައިގެން މިއަދު ބޭއްވި ހަފުލާއަށް އެ ބޭފުޅުން ވަޑައިގަތުމުން ވަނީ ރަތްދޫލައާއި ބޮޑުބެރުން މަރުހަބާއެއް ކިޔައިފަ އެވެ.