މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް މަޑުޖައްސާލަން އަންގާފައިނުވާނެ: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައި މަޝްރޫއުތަކުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައިނުވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ 60 މަޝްރޫއެއް މަޑުޖައްސާލުމަށް އަންގައިފަ އެވެ. އެ މަޝްރޫއުތައް މަޑުޖައްސާން އެންގީ މާލީ ދަތިތަކާހެދި އެވެ.

އެކަމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށައިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ނިންމައިފައިނުވާނެ ކަމަށެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފައިނުވާ މަޝްރޫއުތައް މިވަގުތައް ނުފަށައި އަމަލީ މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

”މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމުން،“. މުއްތަލިބު ވިދާޅުވި އެވެ.