ޑިސެމްބަރ 12, 2024

އިގުތިސޯދު އޮތް ގޮތާ ގުޅޭ ގޮތުން މި ސަރުކާރުން ދެއްކި ވާހަކަ ދިމާނުވޭ: އަމީރު

އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަށް ދިމާނުވާ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނާޒުކު ހާލަތަށް އެމްޑީޕީން ގެންގޮސްފައިވާ ކަމަށް މި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް ނަންބަރުތަކުން ފެންނަނީ 2018 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވިއިރަށްވުރެ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހާލަތު ރަނގަޅުވެފައިވާ ތަން ކަމަށެވެ.

”ހަގީގަތަކީ އަޅުގަނޑުމެން 2018 ގައި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަކީ ގާތްގަނޑަކަށް 83 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވެގެން ދިޔައިރު ގައުމީ އުފެއްދުންތެރިކަން ހުރީ 101 ބިލިއަން ރުފިޔާގައި. އެހެންވީމަ އަޅުގަނޑަކަށް ނޭގޭ އެކިޔާ އެއްޗެއް. ހަގީގަތަކީ މިއަށް ކޮންމެ ގޮތަކަށް ވާހަކަ ދެއްކިއަސް ނަންބަރުތަކުން ފެންނަ ހަގީގަތް ތަފާތު،“ އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ނަންބަރުތައް ރަނގަޅު ވެގެންދިޔައީ ރާއްޖޭގެ ތާރީހުގައި ވެސް ދިމާނުވާފަދަ ކަންތައްތަކެއް ކަމަށްވާ ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ކަމަށެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އިގްތިސާދީ ހަރަކާތްތައް ހުއްޓި ދައުލަތުން އަންދާޒާކުރި މިންވަރަށް 2020 ގައި އާމްދަނީ ނުލިބި، ގައުމީ އުފެއްދުންތެރިކަން 32 ޕަސަންޓު ދަށަށް ގޮސްފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން އިގްތިސޯދު ކުރިއަރުވަން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 2021 ގައި ދުނިޔޭގެ އެންމެ ބާރު ދުވެލީގައި ކުރިއަރާ އިގްތިސާދު ތެރޭގައި ރާއްޖޭގެ ހިމެނިގެން ދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ.

އެގޮތުން 2021 ގައި 42 ޕަސަންޓު ރާއްޖޭގެ އިގްތިސާދު ކުރިއެރިއިރު، 2022 ގައި ރާއްޖޭގެ އިގްތިސާދު 13.6 ޕަސަންޓުން ކުރިއަރާ ދިޔަ ކަމަށާއި 2018 ގައި ދައުލަތުގެ އާމްދަނީއަށް 22.2 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، 2023 ގައި އެމްޑީޕީ ވެރިކަން ބަދަލުވިއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބުނު ކަމަށް އަމީރު ވިދާޅުވި އެވެ.

”ނަންބަރުތަކުން ބަލާލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ އިގްތިސާދީ ދުވެލި ކޮވިޑް-19 އާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައާއި އެއްކޮށް އެ އައި ދަތިތަކާއެކު ވެސް އަރައިގަނެ އަޅުގަނޑުމެންނާ ހަވާލުވިއިރަށްވުރެ މާ ރަނގަޅު އިގްތިސާދެއް މި ބޭފުޅުންނަށް ހަވާލުވިތަން،“ އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު މިހާރު ނާޒުކު ހާލަތަކަށް ވެއްޓިފައިމިވަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް އަމީރު ވިދާޅުވި އެވެ.