ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު އެކަން ހިނގި ސީނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި އެކަކު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ހުޅުމާލޭ ފޭސް 2ގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި މަޑުކޮށްގެން އިން ސައިކަލެއްގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިންގީ އިއްޔެ މެންދުރެވެ. ފުލުހުން މީޑިއާއަށް ބުނި ގޮތުގައި ކާރު ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓް ވުމުން ސީނުން ފިލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ ހ. ނޫރަންމާގެއާގެ/ އިކްރާމްރަހުމާން އާއި މ. ލޭންޑްއޮފްގާޑެން/ އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހު އިސްމާއިލެވެ. އެ މީހުންގެ ފޮޓޯވެސް ފުލުހުން އާންމުކުރި އެވެ. އެ މީހުންގެ ތެރެއިން އިކްރާމްރަހުމާންއާއި އިބްރާހިމް އިކްރާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ކޯޓުގައި އިކްރާމްރަހުމާން ބުނީ، އެކްސިޑެންޓް ހިނގި ސީނުން އޭނާ ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ އިކްރާމްރަހުމާނަކީ އެކްސިޑެންޓު މައްސަލައިގައި ތުހުމަތުވާ ފަރާތެއްކަން އޭރު އެނގުނު ނަމަ ސީން ދޫކޮށް ދިއުމުގެ ހުއްދަ އޭނާއަށް ނުދޭނެ ކަމަށެވެ.
”ތުހުމަތު ކުރެވޭ ފަރާތުން ސީނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަމަށް މީނާ ބުނި ނަމަވެސް މީނާއަކީ އެކަމުގައި ޝާމިލުވާ މީހެއްކަން ފުލުހުންނަށް މައުލޫމާތު ދިން ނަމަ އެ ސީނުން ދިއުމަށް ހުއްދަ ނުދޭނެ ކަމަށާއި އަދި އެފަދަ ހުއްދައެއް ދިން ކަމަށް އެއްވެސް ފުލުހަކުވެސް ބުނެފައިވާކަން ފާހަގަނުކުރެވޭ ކަމަށާއި ތުހުމަތު ކުރެވޭ ފަރާތުން ފުލުހުންނާ މުއާމަލާތު ކުރަނިކޮށްވެސް ސީސީޓީވީ އިން ފާހަގަނުކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ“ ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓުގައި އިކްރާމްރަހުމާން އިތުރަށް ބުނީ، އޭނާ މިހާރު އުޅެނީ ވަރަށް ޒިންމާދާރުކޮށް ކަމަށާއި އަދި ދަރިއެއްވެސް ހުންނަ ކަމަށެވެ. އަދި އޭނާ އިނީ އެކްސިޑެންޓްވި ކާރުގެ ފަހަތުގެ ސީޓުގައި ކަމަށާއި އެހެންކަމުން ބަންދަށް ލުޔުއް ދިނުމަށް އެދޭ ކަމަށްވެސް ބުންޏެވެ.
މައްސަލައިގައި ދެން ހިމެނޭ އިކްރާމް ކޯޓުގައި ބުނީ އެކްސިޑެންޓުގެ ސަބަބުން އޭނާގެ މެޔަށް ވަރަށް ބޮޑު ތަދުވި ކަމަށެވެ. އެހެންވެ އެތަނުގައި އިރުގަނޑަކު ހުރެފައި އެ ތަނުން ދިޔައީ ކަމަށް ކޯޓުގައި ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓްވުމާއި އެކްސިޑެންޓުގައި އަނިޔާވި ފަރާތް އެމްބިއުލާންސަށް އެރުވުމުގައި ގާތްގަޑަކަށް ވާނީ 10 ވަރަކަށް މިނިޓު ކަމަށާއި އެހެންކަމުން އެ ދެމެދުގައި ގިނައިރު ގަނޑެއް ނަގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ކޯޓުގައި އިކްރާމް އިތުރަށް ބުނީ އޭނާގެ ދެ ދަރިން ތިބޭތީ ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ. އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ދެކޮޅު ހަދައި ފުލުހުން ބުނީ އިކްރާމް އަމަލުކޮށްފައި ވަނީ ސީނުން ފިލައިގެންދާ މީހެއްގެ ގޮތުގައި ކަމަށާއި އެއީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެ ފަދަ ކަމެއް ކަމަށެވެ. އެހެންވެ ފުލުހުން އެދުނީ އިކްރާމް ބަންދުގައި ބަހައްޓައި ދިނުމަށެވެ.
40 Comments
ގުޅުންހުރި
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ
މަސްދޯނިތަކުން 39 ބިދޭސީއަކު އަތުލައިގެންފި، ފިލަންވެގެން އެކަކު ފުންމާލީ މޫދަށް!
ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ އާންމުކުރާނެ ކަމަށް ބުނެ ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި