ނޮވެމްބަރ 21, 2024

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޮޅަށް މުޒާހަރާކުރަމުންދާތީ ދިވެހި ސަމާލުވުމަށް އިލްތިމާސްކޮށްފި

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް މުޒާހަރާކުރަމުންދާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ބޭއްވި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން މަރުވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ކަމަށެެވެ.

އެހެންކަމުން އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވެ ތިބުމަށް އިލްތިމާާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

”އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދައި، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން،“ ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު ((44)02072242135) އަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.