50 މެންބަރުން ވަޑައިގަތަސް ބަހުސް ކުރާނެ މެންބަރަކު ނުވި، ޖަލްސާ ކުރުކޮށްލައިފި

މަޖިލިސް ރައީސް އަބްދުއްރަހީމް ---

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ޖަލްސާ ކުރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރެއްވުމެވެ. ނަމަވެސް އާއިލީ ކުއްލި ކަމެއް ދިމާވެގެން ހައިދަރު މިއަދުގެ ޖަލްސާ އަށް ވަޑައިގެންފައެއް ނުވެ އެވެ.

އެހެންވެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ އެ މައްސަލަ އެހެން ދުވަހެއްގައި ކުރިއަށް ގެންދިއުމަށެވެ.

އެޖެންޑާގައި ދެވަނަ އަށް އޮތީ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ކޮމިއުނިކޭޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް އެ ދެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް ބަހުސް ކުރަން އެއްވެސް މެންބަރަކު އެދިވަޑައެއް ނުގެންނެވި އެވެ.

އެހެންވެ ރިޔާސަތުން ދެން ނިންމެވީ މި ވަގުތަށް ޖަލްސާ މެދުކަނޑާލުމަށްފަހު އެގާރަ ޖަހާއިރު އަލުން ޖަލްސާ ފެށުމަށެވެ. އެ ގަޑީގައި މިއަދު ހުށަހެޅި ދެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނެ ކަމަށްވެސް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

ނަމަވެސް އާންމު ގޮތެއްގައި ވޯޓަށް އަހަނީ މެންދުރުފަހު 1:30ގަ އެވެ.

ބަހުސް ކުރާނެ މެންބަރަކު ނުވެގެން މިއަދުގެ ޖަލްސާ ކުރުކޮށްލި އިރު، ޖަލްސާ އަށް 50 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވެ. ސަލާމުގައި ތިއްބެވީ ދެ މެންބަރެކެވެ.