ބީއެމްއެލްގެ އެޕް އަނެއްކާވެސް ޑައުންވެއްޖެ! ދިވެހިންގެ ބޭންކު ދިވެހިންގެ ތަކުލީފަކަށް!

ބީއެމްއެލްގެ އެޕް ޑައުންވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއަދު ހެނދުނުއްސުރެ ބީއެމްއެލްގެ އެޕް މަސައްކަތެއް ނުކުރެ އެވެ. ބައެއް ފިހާރަތަކުން ބުނާ ގޮތުން ރެއިން ފެށިގެން ބީއެމްއެލްގެ އެޕް މަސައްކަތެއް ނުކުރެ އެވެ. ބައެއް މީހުން ބުނާ ގޮތުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ބޭންކުން މީގެ އިރުކޮޅެއް ކުރީން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މޯބައިލް އެޕާއި އިންޓަނެޓް ޚިދުމަތަށްވެސް ވަނީ ބުރޫ އަރައިފަ އެވެ.

މައްސަލަ އަވަހަށް ހައްލުކުރާން މަސައްކަތްކުރާ ކަމަށާއި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް ބީއެމްއެލްގެ ކާޑުތަކާއި ޕީއޯއެސް މެޝިންތަކާއި އޭޓީއެމްތަކުގެ ހިދުމަތް މެދުކެނޑި، ބޮޑު ތަކުލީފަކަށްވި އެވެ. އަދި ހަމަ އެ މަހުގެ މުސާރަ ޖަމާކުރި އިރު، ”ބަލްކް ޓްރާންސްފާ“ގެ ތެރެއިން އޮޅިގެން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބައެއް މީހުންގެ އެކައުޓަށް ޖަމާކުރެވިގެންވެސް އެޕް ޑައުންކޮށްލި އެވެ.