މާލެއަށް ބޭހަށް އައި އުމުރުން ދުވަސްވީ މީހަކު ހުރި ކޮޓަރިއަށް ވަދެ، އޭނާ ބަނުމަށްފަހު ފޭރިއްޖެ

މާލެ އަށް ބޭސްފަރުވާއަށް އައިސް ހުރި އުމުރުން ދުވަސްވީ މީހަކު ބަނުމަށްފަހު ފޭރިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އުމުރުން 62 އަހަރުގެ އެ މީހާގެ އަތުން ފޭރުނީ އޭނާ ކުއްޔަށް ހުރި ކޮޓަރިއަށް ދެ މީހަކު ވަދެ ބިރު ދެއްކުމަށްފަހު ކަމަށެވެ. އަދި އެ މީހާގެ ފޯނާއި ފައިސާ ފޭރުނު ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އެ އިދާރާއަށް ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.

މި މައްސަލައިގައި ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހާގެ ދަރިފުޅު ބުނީ، އޭނާގެ ބައްޕަ އަތުން ފޭރުނީ އަތްފައި ބަނުމަށްފަހު ކަމަށެވެ. އަދި އަތަށް ލިބިފައި ހުރި އަނިޔާގެ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.