އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ފަސް މެނޭޖިން ޑިރެކްޓަރު ހޯދަން އިއުލާންކޮށްފި އެވެ.

އެމްއެމްއޭއިން ގެޒެޓުގައި މިރޭކުރި އިއުލާނެއްގައި ބުނީ މެނޭޖިން ޑިރެކްޓަރުން ބޭނުންވަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސާވިސަސް އަދި ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓަށް ކަމަށެވެ.

މެނޭޖިން ޑިރެކްޓަރެއްގެ މުސާރައަކީ 50,0000 ރުފިޔާއާއި 55,000.00 ރުފިޔާއާ ދެމެދު ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ މަގާމަށް ބޭނުންވާ ތައުލީމީ ފެންވަރު، ތަޖްރިބާ އަދި ހުނަރު ޓާމްސް އޮފް ރިފަރަންސް ގައި އެމްއެމްއޭއިން ވަނީ ހިމަނައިފަ އެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަށް މިމަހުގެ 22 ގެ މެންދުރު 13:00 ގެ ކުރިން careers.mma.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ސީވީ، ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، އައިޑީ ކާޑު ކޮޕީ، ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ މީހެއްނަމަވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ހިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް ހިމެނެ އެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ގުޅާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށާ އިންޓަވިއު އެސެސްމަންޓް ނަތީޖާއަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.