ސެޕްޓެމްބަރ 21, 2024

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަ މަޝްރޫއެއްގެ ނިމުން މިރޭ ފާހަގަކޮށްފި އެވެ.

އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ
ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު

އެ މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކުރި ލައިން އޮފް ކްރެޑިޓެއްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ދެ ދުވަހުގެ ރަސްމީ ދަތުރަކަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރެވެ. ރާއްޖެއިން އޭނާއަށް މަރުހަބާ ދެންނެވީ ޒަމީރެވެ.

ޖައިޝަންކަރު ރާއްޖެ ކުރައްވާ ދަތުރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުންނާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ޖައިޝަންކަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހަދަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ޖައިޝަންކަރު ބައްލަވާލައްވާނެ ކަމަށް ބުންޏެވެ.