ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތައް ބާއްވާ މުއްދަތު ލަސްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ ތެރެއިން 67 މެމްބަރުން ވޯޓު ދެއްވައިގެން ފާސްކުރި އެ ދެ ބިލު ރައީސް ތަސްދީގު ކުރެއްވީ އިއްޔެ އެވެ.
އެ ބިލުން ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި ރަށު ކައުންސިލުގެ މެންބަރުންނާއި ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގައި އަދި އެ އެންގުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުން ހިމެނެ އެވެ.
ނަމަވެސް އެ މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިހާބު ކުރުން ލާޒިމު ނޫންކަމުގައި އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި އަތޮޅު ކައުންސިލުގެ ނައިބު ރައީސާއި ރަށު ކައުންސިލްގެ ނައިބު ރައީސާއި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، އަމަލުކުރަންވާނެ ގޮތަށް ގެނެވުނު އިސްލާހުތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އެފަދަ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ ކުރިން އެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަސް (60 ދުވަސް)ގެ ތެރޭގައި ކަމަށެވެ.

ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
މީޑިއާގެ ބިލުގައި ދިފާއުގައި ހައްނާން ދީނީ ކާޑު ނަންގަވައިފި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި