ނޮވެމްބަރ 22, 2024

ސީ އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރިޔަސް ބަލިމީހުން އުފުލުމަށް ދައްޗެއް ނުވާނެ: އަމީން

ސަރުކާރުން ތައާރަފްކުރި ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށި ނަމަވެސް އެކަމުން ބަލި މީހުން އުފުލުމަށް ދަތިކަމެއް ނާންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ސީ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފަށައިފައިވަނީ މާޗު މަހުގެ ތެރޭގަ އެވެ. ސީ އެމްބިއުލާންސްގެ ގޮތުގައި އެއިރު ބޭނުންކުރަން ނިންމި ސީ ޕްލޭން މިހާރު ބޭނުން ކުރަމުންދަނީ އާންމު ދަތުރުފަތުރަށެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި އެކަމާ ގުޅިގެން އަމީން ވިދާޅުވީ ސަރުކާރުން އެ ހިދުމަތް ފެށިފަހުން އައިލެންޑް އެވިއޭޝަނުން ވަނީ ސީޕްލޭނެއްގެ އިތުރުން މެޑިކަލް ހާއްސަ ޓީމަކާ އެކު އެ ހިދުމަތް ދިނުމަށް ފަށައިފައި ކަމަށެވެ. އެއާއެކު ސަރުކާރުން ތައާރަފުކުރި ސީ އެމްބިއުލާންސަށް ޑިމާންޑް ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ސީޕްލޭން އެމްބިއުލާންސަށް ޑިމާންޑެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ރައީސް އަށް ދެންނެވެމުން ރައީސް ވަނީ ސީ އެމްބިއުލާންސް ބޭނުންނުކޮށް ބޭއްވުމުގެ ބަދަލުގައި އެއިން ކޮމާޝަން ދަތުރުތައް ފެށުމަށް ލަފާ ދެއްވާފައި ކަމަށް އަމީން ވިދާޅުވި އެވެ.

”ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަނެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ޙާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން،“ އޭނާ ވިދާޅުވި އެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތަކީ ރޭގަނޑު ދެވޭ ހިދުމަތަކަށް ނުވާތީ އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށް ގޮންޖެހުންތަކެއް ދިމާވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.