ކައިވެނި ހަރާމް މީހަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު ހަތް އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓް ---

މަހްރަމަކާއެކު ނުވަތަ ކައިވެނި ހަރާމް މީހަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ގ. އަރޫޝާމަންޒިލް، ހަސަން ރަޝީދެވެ. މިފަދަ ޖިންސީ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގެ ދަށުން މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ކުށުން ހަސަން ރަޝީދު ކުށްވެރިވެއްޖެ ކަމަށާއި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ހަތް އަހަރު ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން ހަސަން ރަޝީދު ބަންދުގައި ހޭދަކުރި މުއްދަތު، އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށްވެސް ހުކުމުގައިވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހުކުމް ކުރި މީހާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ 3 ޖޫން 2018ގައެވެ. އެހެންކަމުން މި މައްސަލައިގައި ހުކުމް ކުރި މީހާ ތަންފީޒު ކުރާނެ އަދަބެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.