ސެޕްޓެމްބަރ 21, 2024

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސްއާއި ޕެންޝަން ޑޮލަރުން ދޭން ޖެހޭ ގޮތަށް ހަދަނީ

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ހަދަން ކެބިނެޓުން ނިންމައިފި އެވެ.

ކެބިނެޓުން މިގޮތަށް ނިންމާފައި މިވަނީ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން ހެދުމާ ގުޅިގެންނެވެ. ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދުގެ ދަށުން ބީއެމްއެލުން ވަނީ އެ ނިންމުން އަނބުރާ ގެނެސްފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ފޮރިން ރިޒާވް އިތުރުކުރުމަށް ބައެއް ގާނުނުތަކަށް އިސްލާހު ގެންނަން މިއަދު ބޭއްވި ކެބިނެޓ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސްއާ ގުޅޭ ގާނޫނުތަކާއި ޕެންޝަންއާ ބެހޭ ގާނޫނު ހިމެނޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

”ކެބިނެޓުން އަޅުގަނޑުމެންނަށް މިއަދު ނިންމުނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރުގައި މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން އެބަ ފައިސާ ދައްކާ. މިސާލަކަށް ކޯޕަރޭޓް އިންކަމް ޓެކްސް އެ ކުންފުނިތަކުން މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން. އެހެން ނަމަވެސް ސަރުކާރުން ގާނޫނަށް އަދި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން،“ އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭ ކަމަށްވާނަމަ ޕެންޝަން ފައިސާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ކަނޑައަޅައި އެ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށެވެ.

”މީރާއާ މަޝްވަރާކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ވަރަށް އަވަަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން ގެންނާނަން،“ އުޝާމް ވިދާޅުވި އެވެ.

އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ދައްކާ ކަސްޓަމް ޑިއުޓީ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

”ސަބަބަކީ ވަރަށް ގިނަ ފަހަރަށް ލިބޭ ޝަކުވާއެއް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށް ޓަކައި ބްލެކް މާކެޓުގައި މާރުކުރާ ވާހަކައަކީ. އެހެންވީމަ މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިއަދު ވަނީ މިހާރުން މިހާރަށް ތަންފީޒު ކުރުމަށްޓަކައި މި ތިން ކަންތައް ނިންމާފައި،“ އުޝާމް ވިދާޅުވި އެވެ.

އެ ހުރިހާ އިސްލާހުތަކެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.