ސެޕްޓެމްބަރ 21, 2024

މެންބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވިއަން ރިފޯމް މޫމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް ނިންމައިފި އެވެ.

އީސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއާރްއެމްއަށް 3،000 މެންބަރުން ހަމަވެފައިނުވާތީ އެ ޕާޓީއަށް އުވާލަން ނިންމާފައިވާ ކަމަށެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލާ ހަމައަށް އެމްއާރްއެމްގައި ތިބީ 2،234 މެންބަރުންނެވެ.

މިއީ އެމްއާރްއެމް އުވާލުމަށް އީސީން ނިންމި ދެވަނަ ފަހަރެވެ. އީސީން ވަނީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް މެންބަރުން ހަމަވެފައިނުވާތީ އުވާލާނެ ކަމަށް ބުނެ ނޯޓިސް ފޮނުވައިފަ އެވެ. އެ ނޯޓިސްގައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީއަށް 3،000 މެންބަރުން ހަމަކުރުމަށާއި އެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަނުވެއްޖެ ނަމަ ޕާޓީ އުވާލާނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގައި އެ ޕާޓީއަށް 3،000 މެންބަރުން ހަމަކޮށްފައިނުވާތީ އީސީން 24 މެއި 2023 ގައި އެމްއާރްއެމް އުވާލި އެވެ. ނަމަވެސް އީސީގެ އެ ނިންމުން ބަލައިގަތުމާއި ދެކޮޅަށް ހަދައި އެމްއާރްއެމް އިން އީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެއްދި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން 4 ފެބްރުއަރީ 2024 ގައި ކުރި ހުކުމުގައި ބުނީ އެމްއާރްއެމް އުވާލަން އީސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ ހުކުމުގެ ރައުޔުގައި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވެފައިވަނީ އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަކުރަން އީސީން ނޯޓިސް ފޮނުވި އިރު އެ ޕާޓީގެ ތިބި މެންބަރުންގެ އަދަދަކީ 2،981 ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލު އައިސްފައިވާކަން އީސީން، އެމްއާރްއެމް އަށް އަންގާފައިނުވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 28 ވަނަ މާއްދާގައި ކޮންމެ މަހަކު އެއްފަހަރު ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް، އީސީން ޕާޓީތަކަށް ނޯޓިސް ދޭން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އީސީން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ގާނޫނުން އީސީގެ މައްޗަށް ކުރުން ލާޒިމުކޮށްފައިވާ ކަމެއް ނުކުރުމުގެ ޒިންމާ ނުވަތަ ގެއްލުން އެމްއާރްއެމް އިން ނަގަން ނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ ގާޒީ ކަނޑައެޅުއްވީ ޕާޓީއަށް މެންބަރުން ހަމަނުކޮށްފިނަމަ ޕާޓީ އުވާލާނެ ކަމަށް ބުނެ އީސީން، އެމްއާރްއެމްއަށް ފޮނުވި ނޯޓިހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިހެއް ކަމަށެވެ.