ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޣައިރު ގާނޫނީކޮށް ބަދަލުކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދާ މައްސަލައިގައި ބަޔަކު ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މައްސަލައިގައި އަދި އެއްވެސް މީހަކަށް ތުހުމަތު ކުރެވިފައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.
މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނީ އިމުގެ ބޭރުން ބަދަލުކުރަން އުޅޭކަން ފާހަގަވާ ނަމަ ފުލުހުން އެކަމެއް ތަހުގީގު ކުރާނެ ކަމަށެވެ. އެގޮތުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ފަދަ ކަމެއް ފާހަގަވުމުން އެކަން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
”އެފަދަ ކަމެއް އައިސްފައި އިނދެއްޖެއްޔާ ފުލްކޮށް ތަހުގީގު ކުރާނެ. މީގެ އައިއްސަ ނެތިއްޔާ އެއްވެސް ބޭފުޅަކު ކަންބޮޑުވާންޖެހޭ ކަމެއް ނެތޭ މީގަ. ނެތިއްޔާ ފުލުހުން ވިދާޅުވާނެތާ މައްސަލަ ބެލި ބެލުމުގައި މިއަކު ނެތޭ އެއްވެސް ކަމެއް ތިމަންނަމެންނަށް ޝައްކުވާ އިތުރު. މިހާ ހިސާބުން ތަހުގީގު ނިމުނީއޭ،“ އިހުސާން ވިދާޅުވި އެވެ.
”ހިނގާދިޔަ ހާލަތްތަކާ ގުޅިގެން ފުލުހުން މި ބަލަނީ މީގެ އެބަ އޮތްތޯ މިފަދަ (ބަގާވާތުގެ) ކަމެއް ނުވަތަ ނޫންތޯ. އެއްވެސް ބަޔަކު އަދި މިހާތަނަކަށް އެއްވެސް ސިފައެއްގެ ފުލުހުން ނީންނާނެ މިވެނި މީހަކަށް ޝައްކު ކުރެވޭ، މިވެނެ މީހަކު އިންވޯލްވެފަކައޭ ބުނެފައެއް“
އިހުސާން އެހެން ވިދާޅުވި ނަމަވެސް ބީއެމްއެލްގެ ތެރެއިން ގެންނަން އުޅުނީ ސީދާ ބަގާވާތެއް ކަމަށާއި އެއީ މާ ކުރީއްސުރެއް ރޭވިގެން ކުރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އިހުސާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވަކި ބަޔަކު، ވަކި ބަޔަކަށް ތުހުމަތު އަމާޒުކޮށް ވާހަކަ ދެއްކުމަކީ ފުލުހުންނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި މައްސަލައާ ގުޅިގެން މައުލޫމާތު ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން އެކަން ފުލުހުން ކުރާނެ ކަމަށެވެ. ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސްގެ އިސްތިއުފާއަށް ގޮވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”މިހާތަނަށް ކޮން އިރަކުތޯ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އާދިއްތަ ދުވަހެއްގެ ހެނދުނު ޕްރެސް ކޮންފަރެންސެއް ބާއްވަނީ. އެއީ އަޅުގަނޑުމެން ބަލާލަންޖެހޭ ބައެއް ހަގީގަތްތަކެއް.. މީ މީގައި އަޅުގަނޑަށް ވެސް އިއްތިފާގެއް ކަމަށް މި ބެލެވޭ ތަންކޮޅަކީ ވެސް،“ އިހުސާން ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ކުރިން ބުނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް، މިހާރު
މި ސަރުކާރުން ޑްރަގު ފަހާ ނުދުވާނެ، ދުވާނީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ