ސްޓެލްކޯގެ ނެޓްވޯކް ސްމާޓް ގްރިޑަށް ބަދަލުކޮށް، ސްމާޓް މީޓަރު ހަރުކުރަން ފަށަން ތައްޔާރުވެއްޖެ

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވާހަކަދައްކަވަނީ

ސްޓެލްކޯގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށް ނިމިފައިވާ ކަމަށާއި ސްމާޓް މީޓަރު ހަރުކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުމީ ވިދާޅުވީ އެ ކުންފުނީގެ އިންޖީނުތައް އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރަކުން އޮޕަރޭޓް ކުރެވޭ ގޮތް ހަދައި ޑިސްޓްރިބިއުޝަން ސިސްޓަމްތައްވެސް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއާއެކު އޮފީހުގައި ތިބެގެން ޓްރާންސްފޯމަރުތައް ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

”އެއީ ހުރިހާ ޓްރާންސްފޯމަރުތަކުގެ އޮފީހުގައި ތިބެގެން ސްވިޗް އޮން އަދި އޮފް ކޮށް އަދި އޭގެ ލޯޑު ކަލްކިއުލޭޝަން ވެސް ނެގޭ ގޮތަށް،،“ ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ލަސްކުރީ ސްމާޓް ގްރިޑުގެ މަސައްކަތް އެއްކޮށް ނިމެންދެން ކަމަށާއި ޖުމުލަ ޓޯޓަލް ސޮލިއުޝަން ލިބެނީ ސްމާޑް ގްރިޑާއި ސްމާޓް މީޓަރާ އެއްކޮށް އައުމުން ކަމަށެވެ. އަދި ސްޓެލްކޯގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

ގޭބިސީތަކުގެ ކަރަންޓަށް ބިލްކުރާ ގޮތުން ކަސްޓަމަރުންނަށް ގިނަ އޮޅުންތަކެއް އަރާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، މިހާރު ޖެހޭ އެންމެ ބޮޑު މައްސަލައަކީ ރީޑިން ނަގާތާ 20 ނޫނީ 25 ދުވަސް ފަހުން ބިލް ކަސްޓަމަރާ ހަމައަށް ދިއުމުން ކުރިމަތިވާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް ރިއަލްޓައިމް ބިލިންއާއި ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުވުން އެކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

”ކަސްޓަމަރަށް ފެންނަންޖެހޭ މޮބައިލް އެޕުން. ދެ ހަފުތާ ވަންދަން ވާރޭ ވެހެނީ. ވާރޭ ވެހުން ހުއްޓާލާތާ ތިންވަނަ ހަފުތާގައި އަންނަނީ ބިލް. ދިމަލެއް ނުވޭ މޫސުމަކާ. ފަހުގެ ބިލެއް ލިބުނީމަ ކޮންޒަމްޝަން ޕެޓާން ހުންނަ ގޮތެއް ކަސްޓަމަރުން ހަދާނެއްވެސް ނުހުރޭ. އޭރުން ކަސްޓަމަރަށް ބަލައިލެވޭނެ އޭސީ ޖައްސާލީމަ ކޮންޒަމްޝަންއަށްވާ ގޮތްވެސް،“ ފަހުމީ ވިދާޅުވި އެވެ.