ރަހީނުކުރި އަންހެން މީހާއަށް އަނިޔާކޮށް ކަރުގައި ވަޅި ޖެއްސި، ސަލާމަތްކުރީ މުގުރުން ޖެހުމަށްފަހު

މާފަންނުގެ ގެއެއްގެ ތެރޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކޮށް، އޭނާ ރަހީނުކޮށްގެން ގެންގުޅުނު ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އަންހެން މީހާ ރަހީނުކޮށްގެން ގެންގުޅުނު ފިރިހެން މީހާ، އެ އަންހެން މީހާއަށް ގޭތެރޭގައާއި މަގުމައްޗަށް ނެރެ އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދިން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، ފުލުހުންނަށް އިންޒާރު ދިނުމަށްފަހު އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރި ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގެއިން އެ ފިރިހެން މީހާ ދެން ނުކުތީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އެވެ. އަދި މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ފިލަން އުޅޭ މަންޒަރު ފެނެ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުންދިޔަ އެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރި ކަމަށެވެ. އަދި އެކަމުގެ ތެރެއިން ފިރިހެން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އަދި އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދައުރުވަމުންދާ އެހެން ވީޑިއޯއެއްގައި ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ ސަލާމަތް ކުރާތަން ފެނެ އެވެ. އެގޮތުން ދެ މީހުން މަގުމަތީގައި ސައިކަލު މަތީގައި އިންދާ ފަހަތުން ފުލުހަކު އައިސް، ފިރިހެން މީހާގެ ބޮލުގައި މުގުރުން ވަރަށް ބާރަށް ޖަހާތަން ފެނެ އެވެ. އޭރުވެސް ފިރިހެން މީހާ ހުރީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ.

ފިރިހެން މީހާގެ ގައިގާ ފުލުސް މީހާ މުގުރުން ޖެހުމުން ދެ މީހުންވެސް މަގުމައްޗަށް ވެއްޓެ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އެ ތަނަށް އެއްވެ، އަންހެން މީހާ ސަލާމަތްކުރެ އެވެ.